Sunday, September 15, 2013

ވާހަކައިގެ ބައިތައް


 1. ޝަޚްޞިއްޔަތުން (ކަރެކްޓަރުން)


   ވާހަކައިގެ ޝަޚްޞިއްޔަތުން ނުވަތަ ވީރުންނަކީ އެވާހަކައިގައި އުޅޭ މީހުންނެވެ. ވާހަކާގައި ހިނގާ އެންމެހާ ކަންތައްތައް ބިނާވާނީ އެވާހަކައިގައި އުޅޭ ޝަޚްޞިއްޔަތުންގެ މައްޗަށެވެ. ޚިޔާލީ ވާހަކައެއް ނަމަވެސް އެވާހަކާގައި އުޅޭ ޝަޚްޞިއްޔަތުން ހަޤީޤަތާއެއްގޮތަށް ބައްޓަން ކުރުން ވަރަށް މުޙިއްމެވެ. އެމީހުން އުޅޭ އުޅުމާއި ކުރާކަންތައްތައް ވާންވާނީ ހަޤީޤީ ދިރިއުޅުމުގައި މީހުންކުރާ ފަދަ ކަންކަމަށެވެ.

ވާހަކާގައި ޝަޚްޞިއްޔަތުން ތަޢާރަފުކުރާއިރު އެ ޝަޚްޞިއްޔަތެއްގެ އެންމެހާ ސިފަތަކާއި ކަންކަން ހުށަހަޅާނީ އެއްފަހަރާ އެއް ނޫނެވެ. ޝަޚްޞިއްޔަތުންގެ ސިފަތައް ހުށަހަޅަމުންދާނީ އެ ދިމާވާ ހާލަތަކާ ގުޅޭގޮތުންނެވެ. ފަހަރަކު ބަޔަކުން ބަޔަކުންނެވެ.

ވާހަކައިގެ މީހުން ހުށަ ހެޅިދާނެ ދެ ގޮތެއް ވެއެވެ. އެއީ އެނަލިޓިކް(ތަޙްލީލީ) ގޮތާއި އަދި  ޑްރެމެޓިކް ގޮތެވެ. އެނަލިޓިކްކޮށް މީހުން ހުށަހަޅާއިރު މީހުންގެ ނަފްސާނީ ޙާލަތާއި އުޅުން ލިޔުންތެރިޔާ ހުށަހަޅަ އެވެ. އަދި ހުށަހަޅާ މީހުންނާ ދޭތެރޭ ލިޔުންތެރިޔާ ދެކޭ ގޮތްވެސް ސާފުކޮށް ދެއެވެ. ނަމަވެސް، ޑްރެމެޓިކްކޮށް މީހުން ހުށަހަޅާފައި ހުންނައިރު މީހުންގެ ނަފްސާނީ ޙާލަތާއި އުޅުމާއި ޚިޔާލު އެމީހުން ކުރާކަންތައް ތަކުންނާއި ދައްކާވާހަކައިން ސާފުވާނެއެވެ. ލިޔުންތެރިޔާ ދެކޭގޮތް ހާމަކޮށެއް ނުދޭނެއެވެ.

ވާހަކަލިޔާއިރު ޝަޚްޞިއްޔަތުން ހުށަހެޅުމުގައި ވިސްނަންވީ ކަންކަން:


ވާހަކަލިޔަން ފެށުމުގެކުރިން ވާހަކައިގެ އުޅޭ މައިގަނޑު ޝަޚްޞިއްޔަތުންގެ ސިފަތަކާއި އެމީހެއްގެ މިޒާޖު ރާވާލުން ވަރަށް މުހިއްމެވެ. އެހެންނޫނީ ވާހަކައިގެ މެދުތެރެއިން ނޫނީ އެކި ހިސަހިސާބުން ޝަޚްޞިއްޔަތުންގެ އަސްލު ގޮތްގަނޑު ގެއްލި ކިޔުންތެރިންނަށް އޮޅުން ބޮޅުން އަރާފާނެ އެވެ. މިގޮތަށް ޝަޚްޞިއްޔަތުން ރާވާއިރު އެންމެ ބޮޑަށް ވިސްނަން ޖެހޭނީ ޝަޚްޞިއްޔަތުންގެ އެތެރެއާއި ބޭރުގެ ސިފަތަކަށެވެ.

އެތެރޭގެ ސިފައޭ ބުނާ ބަހުގެ މާނައަކީ ބޭރުފުށުން ފެންނަން ނުހުންނަ ސިފަތަކުގެ ވާހަކަތަކެވެ. މިސާލަކަށް، ރުންކުރުވުން، ރުޅިގަދަވުން، އޯގާތެރިވުން، މަޑުމައިތިރިކަން ނުވަތަ މަކަރުވެރިކަން ފަދަ ޠަބައީ ސިފަތަކެވެ. ބޭރުފުށުގެ ސިފަތަކަކީ ބޭރުފުށުން ބަލާ ކޮންމެ މީހަކަށްމެ ފެންނަން ހުންނާނެ ސިފަތަކެވެ. އިސްކޮޅާއި ހަމުގެ ކުލަ، ރީތި ހުތުރު ފަދަ ސިފަތަކެވެ. އެއްވެސް ޝަޚްޞިއްޔަތެއްގެ އެތެރޭގެ ހުރިހާ ސިފަތަކާއި ބޭރުފުށުގެ ހުރިހާ ސިފަތައް ހާމަކޮށް ދެއްކުމަކީ ލާޒިމުކަމެއް ނޫނެވެ. އަދި އެއީ ކުރެވޭނެ ކަމެއްވެސް ނޫނެވެ. ވާހަކައެއް ނަމަ ހުށަހަޅާނީ ވާހަކައާއި ގުޅުން ހުރި ކަންކަން އެކަންޏެވެ.

ޝަޚްޞިއްޔަތުން ބެހޭ ބައިތައް:


ޖެނީމަންސް (2010) ހާމަކުރައްވާ ގޮތުގައި ވާހަކައިގައި އުޅޭ ކަރެކްޓަރުން ބެހެނީ މައިގަނޑު 6 ގިންތިއަކަށެވެ. އެއީ:

ހ. ޕްރޮޓޯ ގޮނިސްޓް


"ޕްރޯ"ގެ މާނައަކީ ރަނގަޅު ނުވަތަ އީޖާބީ އެވެ. އެހެންކަމުން ޕްރޮޓޯގޮނިސްޓަކީ ރަނގަޅު މީހާ އެވެ. އެހެން ޢިބާރާތަކުން ނަމަ ބަޠަލް ނުވަތަ ބަޠަލާ އެވެ. ވާހަކައިގައި ކުރިމަތިވާ މައިގަނޑު މައްސަލަ އެންމެ ބޮޑަށް ކުރިމަތިވާ ފަރާތަކީ ނުވަތަ ފަރާތްތަކަކީ މިފަރާތެވެ. އެހެންކަމުން، ވާހަކަ ނިމޭއިރު ކާމިޔާބުވުމަށް ކިޔުންތެރިން އެންމެ ބޭނުންވާނެ ފަރާތަކީ ވެސް މިއީ އެވެ. އެއީ، ކިޔުންތެރިންގެ ލޯތްބާއި އޯގާތެރިކަން އެންމެ ބޮޑަށް ލިބޭނީ މި ފަރާތަށް ކަމަށްވާތީ އެވެ.

ށ. އެންޓޯ ގޮނިސްޓް


"އެންޓޯ"ގެ މާނައަކީ ނުބައި ނުވަތަ ގޯސް ނުވަތަ އިދިކޮޅު އެވެ. އެހެންކަމުން އެންޓޯ ގޮނިސްޓްއަކަށްވާނީ ނުބައި ރޯލް ކުޅޭމީހާ އެވެ. އެހެން ޢިބާރާތަކުންނަމަ މިއީ ވާހަކައިގެ 'ވިލަން' އެވެ. ނުވަތަ ނުބައިބާ ކުޅޭ މީހާ އެވެ. މިއީ ވާހަކައިގައި ވަރަށް މުހިއްމު ދައުރުތަކެއް އަދާކޮށްދޭ ބަޔެކެވެ. އެހެނީ ވާހަކައިގެ ސަސްޕެންސް ވަރުގަދަކޮށްދީ ވާހަކައިގެ މީރުކަން ރަނގަޅުކޮށް ވާހަކައިގެ ފޯރި ގަދަކޮށްދިނުމުގައި އެންމެ އިސްދައުރެއް އަދާކުރާ ފަރާތަކީ މިއީ އެވެ. ބައެއް ފަހަރު ވާހަކައިގެ އެންޓޯ ގޮނިސްޓަކީ ރޫޙާނީ އެއްޗަކަށް ވެސް ވެއެވެ. އަނެއް ބައި ފަހަރު ޖަނަވާރަކަށް ވެސް ވެ އެވެ. ބޮޑު ގުރޫޕެއް ނުވަތަ ބާރަކަށް ވެސް ވެދާނެ އެވެ. މިސާލަކަށް ފޫޅު ދިގުހަންޑި ވާހަކާގައި އެންޓޯ ގޮނިސްޓަކީ ފޫޅު ދިގު ހަންޑި އެވެ.

ނ. ރައުންޑް (ފުރިހަމަ ޝަޚްޞިއްޔަތުން)


ރައުންޑް ނުވަތަ ފުން ޝަޚްޞިއްޔަތުންނަކީ ފުންކޮށް ތަރައްޤީކުރެވިފައި ހުންނަ ޝަޚްޞިއްޔަތުންނެވެ. ވާހަކާގައި މިވައްތަރުގެ ޝަޚްޞިއްޔަތުން އެނގެމުން އޮޅުން ފިލަމުންދާނީ ވާހަކަ ކިޔަމުން ދިޔަ ވަރަކަށެވެ. ޙަޤީޤީ އިންސާނެކޭ އެއްފަދައިން މިފަދަ، ޚިޔާލީ މީހުންގެ ވިސްނުމާއި ޖަޒުބާތާއި ޢަމަލު އޮޅުން ބޮޅުން ވާނެއެވެ. ކުޅަދާނަ ލިޔުންތެރިންގެ ވާހަކަތަކުން މިފަދަ މީހުން ފެނެއެވެ. މިއީ ވާހަކައިގެ އެންމެ މުހިއްމު ރޯލެއް އަދާކުރާ ޝަޚްޞިއްޔަތަށް ވެފައި ވެސް ހުރެ އެވެ.

ރ. ސްޓެޓިކް (ސާބިތު ޝަޚްޞިއްޔަތުން)


މިއީ ފެށުނީންސުރެ އެއްގޮތެއްގައި ނުވަތަ އެއްވާނެއްގައި ހިފަހައްޓާލާފައި ތިބޭ ކަރެކްޓަރުންނެވެ. މިވައްތަރުގެ ކަރެކްޓަރުންނަށް ވާހަކައިގެ އެއްވެސް ހިސާބަކުން އެއްވެސް ބަދަލެއް ނާންނާނެ އެވެ. ވަގުތާއި ހާލަތުގެ ގޮތުން ވާހަކައިގެ ޝަޚްޞިއްޔަތުންގެ ބޭރު ސިފައަށް ބޮޑެތި ބަދަލުތަކެއް އައިނަމަވެސް އުޅުމާއި ވިސްނުން އެއްގޮތެއްގައި ހުންނަ ނަމަ އެއީ މިވައްތަރުގެ ޝަޚްޞިއްޔަތުންނެވެ. މިސާލަކަށް، ކުރުފިލްމު ފަޤީރުކޮއިގައި ސަންޕާފުޅު (ޝީލާ) މިއީ މިފަދަ ކަރެކްޓަރެކެވެ.

ބ. ޑައިނަމިކް (ބަދަލުވަމުންދާ ޝަޚްޞިއްޔަތުން)


މިއީ ސްޓޭޓިކް ކަރެކްޓަރުންގެ އިދިކޮޅެވެ. ވާހަކަ ކުރިއަށް ދިޔަވަރަކަށް، މިވައްތަރުގެ މީހުންނަށް ދިމާވާ ކަންތައްތަކާ ގުޅޭގޮތުން ފާހަގަކުރެވޭ ބަދަލުތަކެއް އަންނާނެއެވެ. ޓެރީ ޑަބްލިޔު އެރްވިން 2 (2010) ހާމަކުރައްވާގޮތުގައި ރަނގަޅަށް ލިޔެފައިވާ ކޮންމެ ވާހަކައެއްގައި މި ޒާތުގެ ކަރެކްޓަރުން އުޅެން ވާނެ އެވެ. އެހެނީ، ވާހަކާގައި ހިނގާ ހާދިސާއަކުން ކޮންމެ ވެސް އެއް ކަރެކްޓަރުގެ އުޅުމަށާއި މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަންނަންވާނެ އެވެ. ނުއުމާން ވަ މަރިޔަމް ވާހަކާގައި 'މަރިޔަމް' އަކީ ޑައިނަމިކް ކަރެކްޓަރެކެވެ.

ޅ. ފްލެޓް (ތިލަ ޝަޚްޞިއްޔަތުން)


މިއީ ވާހަކަ އިތުރަށް ތަރައްޤީކޮށް ލޮނު ހެޔޮވަރު ކުރުމަށާއި ޕްލޮޓަށް ފުރިހަމަކޮށްލާ ސެޓިން ރީތިކޮށްލުމަށް ގެނެސްފައި ހުންނަ އާދައިގެ ޝަޚްޞިއްޔަތުންނެވެ. ޖެނީ މަންސް (2010) ހާމަކުރައްވާގޮތުގައި މިފަދަ ޝަޚްޞިއްޔަތުންގެ މާގިނަ ސިފަތަކެއް އެނގޭކަށް ނުހުންނާނެ އެވެ. އާއްމުގޮތެއްގައި ވާހަކަތަކުގައި ހަނިރޯލުތަކުން ފެންނަ އާއިލީ މެމްބަރުންނާއި ރަހްމަތްތެރިން ވަދެގެންދަނީ މި ބައިގެ ތެރެއަށެވެ. މިއީ ވަރަށް އާދައިގެ ފެންވަރެއްގައި ސިފަކޮށްދީފައި ހުންނަ މީހުންނެވެ. ވާހަކައިގެ މުހިންމު ނޫން މީހުން ފުލެޓު ކަރެކްޓަރުންގެ ގޮތުގައި ގެނެސްދެވިދާނެއެވެ.

ވާހަކައިގެ ޝަޚްޞިއްޔަތުން ހުށަހަޅާނެގޮތް


ވާހަކައިގެ މީހުން ހުށަހެޅިދާނެ ދެ ގޮތެއް ވެއެވެ. އެއީ އެނަލިޓިކް(ތަޙްލީލީ) ގޮތާއި އަދި ޑްރެމެޓިކް ގޮތެވެ. އެނަލިޓިކްކޮށް މީހުން ހުށަހަޅާއިރު މީހުންގެ ނަފްސާނީ ޙާލަތާއި އުޅުން ލިޔުން ތެރިޔާ ހުށަހަޅައެވެ. އަދި ހުށަހަޅާ މީހުންނާ ދޭތެރޭ ލިޔުންތެރިޔާ ދެކޭ ގޮތްވެސް ސާފުކޮށް ދެއެވެ. ޑްރެމެޓިކްކޮށް މީހުން ހުށަހަޅާފައި ހުންނައިރު މީހުންގެ ނަފްސާނީ ޙާލަތާއި އުޅުމާއި ޚިޔާލު އެމީހުން ކުރާކަންތައް ތަކުންނާއި ދައްކާވާހަކައިން ސާފުވާނެއެވެ. ލިޔުންތެރިޔާ ދެކޭގޮތް ހާމަކޮށެއް ނުދޭނެއެވެ.

ޝަޚްޞިއްޔަތުން ތަރައްޤީކުރުމުގައި ބޭނުންކުރާ އުކުޅުތައް


ޝަޚްޞިއްޔަތުން ތަރައްޤީކުރުމުގައި ލިޔުންތެރިން ތަފާތު އުކުޅުތައް ބޭނުން ކޮށް އުޅެއެވެ. މިގޮތުން ފާހަގަކޮށްލެވޭ މައިގަނޑު 4 އުކުޅަކީ:

ހ. އެހެންމީހަކު ބޭނުންކޮށްގެން ޝަޚްޞިއްޔަތު ތަރައްޤީކުރުން


 މިގޮތަށް ޝަޚްޞިއްޔަތު ތަރައްޤީކުރުމަކީ ތަރައްޤީކުރަން ބޭނުންވާ ޝަޚްޞިއްޔަތު ފިޔަވައި އެހެންމީހެއް ނުވަތަ އެހެން ބަޔަކު މެދުވެރިކޮށް ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހަޅަމުން ދިޔުމެވެ. މިސާލަކަށް؛ ދިވެހިފިލްމު ނިއުމާގައި ނިއުމާއަށް ގެވެށި އަނިޔާ ލިބޭކަން ހާމަކޮށްދިނުމަށް ބޭނުންކޮށްގައިވާ ކަރެކްޓަރ އަކީ އާންތު (ޝީލާ) އެވެ.

ށ. ދެކެވޭ ވާހަކަ ބޭނުންކޮށްގެން ޝަޚްޞިއްޔަތު ތަރައްޤީކުރުން


މިއީ ތަރައްޤީކުރަން ބޭނުންވާ ޝަޚްޞިއްޔަތަކާ އެހެން ޝަޚްޞިއްޔަތަކާ ދެމެދު ދެކެވޭ ވާހަކައިން އެ ޝަޚްޞިއްޔަތެއް ތަރައްޤީކުރުމެވެ. މިގޮތަށް ތަރައްޤީކުރާއިރު ވާހަކަދައްކާ ދެފާރާތުންކުރެ ކޮންމެ ފަރާތެއްގެ ޑައިލޮގުންވެސް ތަރައްޤީކުރަން ބޭނުންވާ ޝަޚްޞިއްޔަތު ތަރައްޤީކުރެވިދާނެ އެވެ.

ނ. ޝަޚްޞިއްޔަތު ކުރާ ކަމަކުން ޝަޚްޞިއްޔަތު ތަރައްޤީކުރުން


މިއީ ޝަޚްޞިއްޔަތެއްގެ އަމަލުން އެ ޝަޚްޞިއްޔަތެއް ހަމާކޮށް ހުށަހަޅާގޮތެވެ. މިގޮތުން ޝަޚްޞިއްޔަތު ހުށަހަޅާއިރު، އެމީހާގެ މިޒާޖާއި އުޅުމާއި ސިފަތައް ހާމަވަމުން އަންނާނީ އެމީހާގެ އަމަލުތަކުންނެވެ.

ރ. ލިޔުންތެރިޔާ އޭގެތެރެއަށް ވަދެގެން ޝަޚްޞިއްޔަތު ތަރައްޤީކުރުން


މިއީ ލިޔުންތެރިޔާގެ ޢިބާރާތުން ޝަޚްޞިއްޔަތު ބަޔާންކުރަމުން ގެންދާ އުޞޫލުތަކެވެ. މިގޮތުން، ނެރޭޝަން ބޭނުންކުރުމީ މިކަމަށްޓަކައި އާއްމުކޮށް ގެންގުޅޭ އުޞޫލުތަކެވެ. މިސާލަކަށް: "ދޮންދީދީ އަކީ ފަންސާހުން މައްޗަށް ގޮސްފައިވާ ބިޔަ ދޮން އަންހެން ބޭފުޅެކެވެ." މިއީ އިބްރާހިމް ހުސައިން މަނިކުގެ ކުރުވާތަކުގެ ތަރުޖަމާނު ވާހަކާގައި ދޮންދީދީ ސިފަކުރުން ގެނެސްދީފައިވާގޮތެވެ.

2. ވާހަކައިގެ ވިއުންގަނޑު (ޕްލޮޓް)


  ޕްލޮޓަކީ ނާވިލުގެ އޮނިގަނޑެވެ. ނުވަތަ ނާވިލުގައި ހިނގާ ހާދިސާތަކުގެ ސިލްސިލާކޮށް ނުވަތަ އެއް ހާދިސާ އަނެއް ހާދިސާއާ ގުޅުވަމުން ގުޅުވަމުން ހުރިހާ ހާދިސާތަކެއް ވިޔެލުމަށް ނުވަތަ ލާމަހާލުމަށް ބޭނުންކުރާ އުޞޫލެވެ. ނުވަތަ އެފަދަ ވިއުގަ އެވެ. ޕްލޮޓް ބިނާވެފައިވާނީ ނާވިލުގައި ހިނގާ ހާދިސާތަކުގެ މައްޗަށެވެ. ކޮންމެ ހާދިސާއެއްގައިވެސް މައިގަނޑެއް އޮންނަންވާނެ އެވެ. އެއީ ނާވިލުގެ ތީމު ނުވަތަ ޝިއާރެވެ.

ޕްލޮޓް ރޭވުމުގައި މައިގަނޑު ތިން ބަޔަކަށް ބަހައިލައިގެން ކުރިއަށް ގެންދެވިދާނެ ކަމަށާއި މިތިންބައި ނެތް ނަމަ ނާވިލު ނާވިލަކަށް ނުވާނެ ކަމަށް މަޝްޙޫރު އަދީބު ޖޫޑިތް އޭ. އެންގުރޭމް (2010) ހާމަކުރައްވަ އެވެ. އެތިން ބަޔަކީ:

ހ. ފެށުން: މައިގަނޑު ޝަޚްޞިއްޔަތުން ފާޅުވުން ނުވަތަ ތަޢާރަފުކޮށް ވާހަކައިގެ ހާދިސާތައް ފެށިގެން ދިއުން

ށ. މެދުތެރެ: މަސައްލަތައް ދިމާވަމުން ދިއުމާއި އެމައްސަލަތައް ހައްލުކުރުމަށް  އުޅޭއުޅުންތައް

ނ. ނިންމުން: މައްސަލަ ހައްލުވެގެން ދިއުން

ޕްލޮޓްގެ ހަރުފަތްތައް:


ނާވިލުގައި މައިގަނޑު ހަތަރު ހަރުފަތެއް ވާކަމަށް ޖޫޑިތް އޭ. އެންގުރޭމް (2010) ބަޔާންކުރައްވަ އެވެ. އެއީ:

ހ. އެކްސްޕޮޒީޝަން (ފެށުން/ތަޢާރަފު): ނާވިލުގައި އުޅޭ ޝަޚްޞިއްޔަތުންނާއި އެމީހުންގެ ހާލަތު ތަޢާރަފުކޮށް ހުށަހެޅުން

ށ. ކޮމްޕްލިކޭޝަން (އުތުރި އެރުން):  މިބައިގައި ވަރަށް އަވަހަށް ކޮންމެވެސް މައްސަލައެއް އުފައްދާނެ އެވެ. އެމައްސަލައިގެ ސަބަބުން ވާހަކައިގެ ޝަޚްޞިއްޔަތުންގެ ދިރިއުޅުމަށް ބުރޫއަރާނެ އެވެ.

ނ. ކުލައިމެކްސް (ކުންނު): މިބައިގައި ނާވިލުގައި އުފެއްދި މައްސަލަ އިންތިހާއަށް ގޮސް ދެންވާނީ ކިހިނެއް ކަމާމެދު ކިޔުންތެރިން ޝައުޤުވެރިވެ ވާނުވާ ބެލުމަށް އަވަސްވާނެ އެވެ.

ރ. ރިޒޮލިއުޝަން (ހިނދިގެން ދިއުން): މިބައިގައި ނާވިލުގައި އުފެއްދި މައްސަލަ ކޮޅެއްގަ ޖެހޭނެ އެވެ.

ޕްލޮޓް ރާވާގޮތް


ފްރޭޓެގް އަހުރާމްގައި ވާގޮތުން އާދައިގެ ޕްލޮޓް ލައިނެއްގައި ހިމެނޭނީ ވާހަކައިގެ ޕްލޮޓްގައި ހިމެނޭ މައިގަނޑު ތިން ބައެވެ. މީގެއިތުރުން ހިމެނޭނީ ޕްލޮޓްގެ ހަރުފަތްތަކުގެ ތެރޭގައި ހިމެނޭ ބައިތަކެވެ. 

ޕްލޮޓް ލައިނެއްގައި ހިމެނޭ އުތުރި އެރުމުގެ ބަޔާއި ކުންނާ ދެމުދުގައި ދިގުމުއްދަތެއް ހޭދަނުވާނަމަ ފެށުން ކުޑަކޮށް މައްޗަށް ޖެހިލާނެ އެވެ. މާނައަކީ އެ ދެމެދުގައި ހިނގާ ހާދިސާތައް މަދުވެފައި ކުންނާ ހަމައަށް ދިއުން އަވަސްވާނެ އެވެ. ހަމައެގޮތަށް ކުންނާ ނިމުމާއި ދެމެދުގައި ވަގުތުތަތަކެއް ނުހިނގާ މައްސަލަ ހިނދިގެން ދިއުމަށް ފުރުޞަތު ބޮޑުގެންދާނަމަ ކުންނާ ނިމުމާ ދެމެދުކުރުވާނެ އެވެ.  މާނައަކީ ކުންނާ ވިދިގެން ނިމުން އަންނާނެ އެވެ. މީގެއިތުރުން ކުންނަށްފަހު އިތުރު ކަންތައްތަކެއް ހިނގަމުން ވާހަކަ ނިންމުމަށް ދާނަމަ ފެށުމާއި ނިންމުމާއި އެއް ހަމައަށް ނުގޮސް ނިމިދާނެ އެވެ.  މިސާލަކަށް:

އާއްމުގޮތެއްގައި ނާވިލެއް ނަމަ ޕްލޮޓްގައި އެތައް މައްސަލަތަކެއް ނުވަތަ ހާދިސާތަކެއް ހުންނާނެ އެވެ. އެހެންކަމުން ފެށުމާއި ކުންނާ ދެމެދުގައި ކުދިކުދި މައްސަލަތަކުން ގެތެމުން ގޮސް ކުންނާ ހަމައަށް ވާޞިލުވާނީ އެވެ. މި ދެންނެވި ހުރިހާ ކުދިކުދި މައްސަލަ ތަކެއް ހުންނަންވާނީ ކުންނަށް ބާރުދޭ އުޞޫލުން އަމުނާލެވިފަ އެވެ. ނަމަވެސް ކުރުވާހަކައެއް ނަމަ ހިމެނޭނީ މައިގަނޑު އެއް މައްސަލަ އެވެ. އެމައްސަލަ ހުށަހެޅުމަށް ބާރެއްގެ ގޮތުން ދެން ހިމެނޭ ކުދިކުދި ބައިތައް ނުވަތަ ކަންކަން ހުށަހަޅަމުން ގެންދާނީ އެ މައްސަލައަށް ބާރުވެރިވާނެ ހެންނެވެ.

ޕްލޮޓުގެ ވައްތަރުތައް:


އާއްމު ގޮތެއްގައި ޕްލޮޓް ބިނާ ކޮށްފައި އޮންނަނީ ދެ ގޮތަކަށެވެ. އެއީ ކަރެކްޓަރުންނަށް ސަމާލުކަންދީގެންނާއި ހާދިސާއަށް ސަމާލުކަންދީގެންނެވެ. ކަރެކްޓަރުންނަށް ސަމާލުކަން ދީގެން އުފައްދާއި ހުންނަ ޕްލޮޓްތައް ދެބަޔަކަށް ބަހާލެވެ އެވެ. އެއީ:

ހ. ކަމީނާ ޕްލޮޓް (ލޫސް ޕްލޮޓް)


މިއީ ޕްލޮޓުގެ ބައިތަކުގައި ތަރުތީބެއް ނެތި މަންތިޤީ (ލޮޖިކަލީ) ގުޅުންތައް ކުޑަކޮށް އަތުރާލެވިފައި ހުންނަ ޕްލޮޓްތަކެވެ. މިފަދަ ޕްލޮޓުތަކުގައި ހާދިސާތައް އަމާޒުކޮށްފައި ހުންނަނީ މައިގަނޑު ޝަޚްޞިއްޔަތަށް އެކަންޏެވެ.

ށ. ބަދަހި ޕްލޮޓް (ފިކްސްޑް ޕްލޮޓް)


މިއީ ޕްލޮޓްގެ ބައިތަކުގެ މެދުގައި (ހާދިސާތަކުގެ މެދުގައި) ގުޅުންހުންނާނެހެން ތަރުތީބުން ބަދަހި ކޮށްފައި ހުންނަ ޕްލޮޓެވެ. މިފަދަ ޕްލޮޓްގައި ހާދިސާތަކުގެ މެދުގައި މަންތިޤީގުޅުން ބަދަހިވާނެ އެވެ. އަދި ހުރިހާ ޝަޚްޞިއްޔަތުންނަށް ހާދިސާތަކުގެ ގުޅުން ހުންނާނެ އެވެ. އެއް ކަރެކްޓަރަކަށް ދިމާވާ ކަމަކާ އަނެއްކަރެކްޓަރަކާ ގުޅިލާމެހޭނެ އެވެ. މިފަދަ ޕްލޮޓެއްގެ މިސާލަކީ ދިވެހި ފިލްމު "ޔޫސުފް"ގެ ޕްލޮޓް ލައިން އެވެ.

* ހާދިސާގެ ގޮތުންވެސް ދެ ބާވަތެއްގެ ޕްލޮޓް ހުރެ އެވެ. އެއީ:


ހ. ސާދާ ޕްލޮޓް (ސިންޕަލް ޕްލޮޓް):


 މިއީ އެއްމެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައި ހުންނަ ވާހަކަތަކެވެ. އާއްމު ގޮތެއްގައި މިފަދަ ޕްލޮޓުތައް ހުންނާނީ ކުރުވާހަކަތަކުގަ އެވެ. މިފަދަ ޕްލޮޓް ހިމެނޭ ވާހަކަތަކުގައި ފޯކަސް ކުރެވިފައި ހުންނާނީ އެއްމެ ކަރެކްޓަރަކަށެވެ. މިފަދަ އެއްމެ ފުރިހަމަ މިސާލަކީ ކުރުފިލްމު 'ފަގީރުކޮއި' އެވެ.

ށ. ކޮންމްޕްލިކޭޓެޑް ޕްލޮޓް


މިއީ ގިނަ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައި ހުންނަ ނާވިލުތަކުގެ ޕްލޮޓް ހިމެނޭ ގޮތެވެ. މިފަދަ ވާހަކަތަކުގައި ސަމާލުކަންދީފައި ހުންނަނީ ކަރެކްޓަރުންނަށްވުރެ ބޮޑަށް ހާދިސާތަކަށެވެ. މިފަދަ ޕްލޮޓެއްގެ އެންމެ ފުރިހަމަ މިސާލަކީ ދިވެހި ފިލްމު "ލޫދިފާ"ގެ ޕްލޮޓް ލައިން އެވެ.

 3. ދެކެވޭ ވާހަކަ (ޑައިލޮގު)


ނާވިލުގައި ޕްލޮޓާއި ކަރެކްޓަރުންނަށް ފަހު ދެން އެންމެ އިސްކަމެއް ދެވޭ ބަޔަކީ ޑައިލޮގެވެ. ނުވަތަ ދެކެވޭ ވާހަކަ އެވެ. ވާހަކައިގައި، ދެކެވޭވާހަކަ ހިމެނުމުން ވާހަކަ ރީތިވެއެވެ. ކިޔާލަން ފަސޭހަވުމުގެ އިތުރަށް، ދެކެވޭވާހަކައިގެ ސަބަބުން ކިޔުންތެރިޔާ އާއި ވާހަކައިގައި އުޅޭ މީހުންނާއި ގާތްކޮށްދެއެވެ. ޙާދިސާތައް ޙަޤީޤަތާ އެއްގޮތް ކުރުވާވެސް މެއެވެ. ދެކެވޭވާހަކަ ބޭނުންކޮށްގެން ވާހަކައިގެ ޙާދިސާއަކަށް ވަކިކަހަލަ އިޙްސާސެއް ގެނުވިދާނެއެވެ. މިގޮތުން، މަޖާކަން، ހިތާމަ ނޫނީ ހާސްކަންވެސް ގެނުވިދާނެއެވެ. ވާހަކައެއް މޮޅުވުމާއި ދަށަށް ދިއުމުގައި އެންމެ އިސްދައުރެއް އަދާކުރާ އެއްބަޔަކީ ޑައިލޮގެވެ. އެހެނީ ވާހަކައަށް ދިރުން ގެނެސްދޭ މައިގަނޑު އަސާސަކީ ޑައިލޮގެވެ. ޑައިލޮގެ ސަބަބުން ކިޔާމީހުންގެ ޝައުޤުވާހަކައަށް ލެނބިގެންދެ އެވެ.

ކަރެކްޓަރުން ސިފަކޮށްދިނުމާއި ވާހަކަ ކުރިއަށް ގެންދިއުމަށް ޑައިލޮގު ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެ އެވެ. ވާހަކައިގެ ހާދިސާތަކާއި ކަރެކްޓަރުންގެ ތަޢާރަފުކޮށްދީ ވާހަކައިގައި ހިނގާ ހާދިސާތައް ތަޢާރަފުކުރުމުގައި ޑައިލޮގުގެ އެހީ ލިޔުންތެރިން ހިފަ އެވެ. މީގެއިތުރުން، ކަރެކްޓަރުންގެ ޠަބީއަތާއި މިޖާޒަށް އަންނަ ބަދަލުތައް ފަސޭހައިން ދައްކުވައިދޭ އެއްޗެއްގެ ގޮތުގައި ޑައިލޮގު ހިމެނިގެން ދެ އެވެ. ދެކެވޭވާހަކައިގައި ޢާއްމުކޮށް ބޭނުން ނުކުރާ ލަފުޒުތައް ބޭނުންކުރުމުން ހުތުރުވެއެވެ. ހަމަ މިގޮތަށް ތަނާއި ޙާލަތާއި، ދެކެވޭވާހަކައިގައި ބައިވެރިވާ މީހުންނާއި ނުގުޅޭ ގޮތަކަށް، ދެކެވޭ ވާހަކަ ލިޔުމުން ވާހަކަ ރީތިވުމުގެ ބަދަލުގައި ހުތުރުވެއެވެ. ވީމާ ވާހަކަދައްކާ ގޮތާއި ބޭނުންކުރާ ބަސްކޮށާރަކީ މުޖްތަމަޢުގެ އެކިފަންތިތަކުގައި ތަފާތުވާ އެއްޗެއްކަން ދެކެވޭވާހަކަ ލިޔާއިރު ހަދާންބެހެއްޓުން މުހިންމެވެ. ދެކެވޭވާހަކަ ވާންޖެހޭނީ ޙަޤީޤަތާ އެއްގޮތް، މާދިގުނޫން އެއްޗަކަށެވެ.

ވާހަކައިގެ ޕްލޮޓް ކުރިއަށް ގެންދިއުމުގައި ސީދާކޮށް އަދި ނުސީދާކޮށް ޑައިލޮގުން އެހީތެރިކަން ހޯދައިދޭން ވާނެ އެވެ. ނުވަތަ ޕްލޮޓާއި ގުޅުވަމުން ކަރެކްޓަރުންގެ އެތެރެފުށުގެ ސިފަތަކާއި ބޭރުފުށުގެ ސިފަތައް ހާމަކޮށްދޭން ވާނެ އެވެ. ޑައިލޮގު އަބަދުވެސް ޠަބިޢީ އެއްޗަކަށްވާންވާނެ އެވެ. ހުންނަންވާނީ ޙަޤީޤީ ދިރިއުޅުމުގައި މީހުން ވާހަކަދައްކާ އުޞޫލުންނެވެ. ބަސްބުރިތަކާއި ފުރިހަމަ ނުވެ ހުންނަ ބަސްތަކާއި ބަސްކޯޅިތައް ހުންނަންވާނެ އެވެ. ތަފާތު ކަރެކްޓަރުންގެ ޑައިލޮގު ހުންނަންވާނީ ތަފާތުކޮށެވެ. އެ ކަރެކްޓަރެއްގެ ޑައިލޮގުން އެކެރެކްޓަރަކު ސިފަކުރެވެން ވާނެ އެވެ.

ޑައިލޮގު ހުށަހެޅުމުގައި ވިސްނަންވީ ކަންކަން


ހ. ޑައިލޮގު މިއީ ލިޔެފައި އޮންނަ އެއްޗެއްނޫންކަމާއި އެއީ ދައްކާ ވާހަކަތަކެއް ކަން

ށ. ޑައިލޮގުން ކަރެކްޓަރުން ހާމަކުރުމަށާއި ޑައިލޮގުން ޕްލޮޓްކުރިއަށް ގެންދިއުން

ނ. ޑައިލޮގު ދިގު ނުކުރުން

ރ. މައުލޫމާތު ލިއްބައިދިނުމާއި މައުލޫމާތު ތަކުރާރު ނުކުރުން

ބ. ޑައިލޮގަކީ އަދަބީ އެއްޗެއް ނޫންކަމާއި ފުރިހަމަ ޑައިލޮގަކީ ވާހަކަދައްކާ އުޞޫލުން ލިޔެފައި ހުންނަ އެއްޗެއް ކަން

ޅ. ޗެޓް ކުރުމާއި SMS އިން ކުރާ މުއާމަލާތްތައް ވެސް އެއީ ޑައިލޮގުކަން މި އެއްޗެހިތައް ލިޔާނީވެސް އެ ހުންނަ ގޮތަކަށް ކަން.

ކ. ދެމީހަކު ހިމެނޭ މަންޒަރެއްގައި ޑައިލޮގު ލިޔާއިރު ކޮންމެ ފަހަރަކު ވާހަކަދެއްކި މީހާ ބަޔާން ނުކުރުން

4. ތަނާއި ވަގުތު (ސެޓިން)


މިއީ ވާހަކައިގެ ބިންގަލެވެ. އެހެނީ ވާހަކައިގެ ސެޓިންއަކީ ވާހަކައިގެ ހާދިސާތައް ހިނގާތަނާއި ވަގުތެވެ. ވާހަކައިގެ ޕްލޮޓާއި ކަރެކްޓަރުން ބިނާކުރާނީ މި ބިންގަލުގެ މަތީގަ އެވެ. ވާހަކައެއްގެ ކޮންމެ މަންޒަރެއް ލިޔަން ފެށުމުގެ ކުރިން އެމަންޒަރެއް އަމިއްލަ ސިކުނޑީގައި ކުރަހާލަންވާނެ އެވެ. އަދި އެ މަންޒަރު ހިނގާ ވަގުތު އެނގެންވާނެ އެވެ. މިކަން ޑައިލޮގުންނާއި ނެރޭޝަނުންވެސް ހުށަހެޅިދާނެ އެވެ. ސެޓިންގެ މައިގަނޑު ދެ ވައްތަރެއް ހުރެ އެވެ. އެއީ:

ހ. މާއްދީ ސެޓިން: ފެންނަން ހުންނަ ހުރިހާ ތަނެއް/ ދިރިއުޅުމުގެ އާދަކާދަތަކާއި ހެދުން އެޅުމާއި އެފަދަ ހުރިހާ ކަމެއް

ށ. އިޖްތިމާއީ ސެޓިން: ނުފެންނަ ނުވަތަ ޤުދުރަތީގޮތުން ވާކަންކަން/ ޤަޟާޤަދަރުގައި  ހިމެނޭކަންކަން

ވާހަކައިގައި ހިނގާ ހާދިސާތަކަކީ ޚިޔާލީ ނުވަތަ ޙަޤީޤީ ވާހަކަތަކެއް ނަމަވެސް ބުއްދި ޤަބޫލުކުރާ ސެޓިން އަކަށް އެ ބަޔާންކުރާ ހާދިސާތަކުގެ ސެޓިން ވުމަކީ ވަރަށް މުޙިއްމުކަމެކެވެ. ތަނާއި ވަގުތަކީ ނާވިލެއްގެ ފެށުމުގެ ބައެއްގެކަމަށް ބެލެވެ އެވެ. އެހެނީ އާއްމު ގޮތެއްގައި ނާވިލުގެ ފުރަތަމަ ފަސްލުގައި ނާވިލުގެ ހާދިސާތައް ހިނގާ ތަނާއި ވަގުތު ބަޔާންކޮށްފައިއޮވެ އެވެ. ވާހަކައިގައި ހިމެނޭ ހާދިސާތަކާއި ގުޅޭ މަންޒަރުތަކުގެ ސެޓިންތައް ހުށަހަޅަމުންދާނީ އެކަމަށް ބޭނުންވުމުންނެވެ. އެއްފަހަރާ އެއްވަގުތެއްގައި ދެ މަންޒަރެއްގެ ވާހަކަ ގެންނަން ބޭނުންނަމަ އިސްކަންދޭ ތަރުތީބަކުން މަންޒަރުތައް ހުށަހެޅިދާނެ އެވެ. އަދި ލިޔުމުގެ އުކުޅުތަކުގެ އެހީގައި އެކަން ހުށަހަޅަމުން ގެންދެވިދާނެ އެވެ. ތަން ބަޔާންކުރުމުގައި ނެރޭޝަންގެ ގޮތުގައި ބޭނުންކުރުމަށްވުރެ ބޮޑަށް ރަނގަޅީ އެހެނިހެން އުޞޫލުތައް ބޭނުންކޮށްގެން ސެޓިން ހުށަހެޅުމެވެ.

5. ކިޔައިދިނުން (ނެރޭޝަން)


  ވާހަކަ އެހެންމީހުންނާ ހަމައަށް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެއް ވަސީލަތަކީ ވާހަކައިގެ ކިޔައިދިނުން ނުވަތަ ނެރޭޝަން އެވެ. ނާވިލުގައި ވާހަކަ ކިޔައިދޭނީ ކޮންމެވެސް މީހެއްގެ ނަޒަރުންނެވެ. އެހެންކަމުން، ކިޔައިދެވޭ އުޞޫލުން ވާހަކަ މޮޅުވުމާއި ދެރަވުން ބިނާ ވެފައި އޮވެ އެވެ. އެހެނީ، ފުރަތަމަ މީހާގެ ނަޒަރަކުން ކިޔައިދޭ ނަމަ ނުފެންނަ އެތައްތަނެއް ތިންވަނަ މީހާގެ ނަޒަރުން ކިޔައިދޭ އިރު ފެނި ބަޔާންކުރުމުގެ ފުރުޞަތު ބޮޑުވާނެ އެވެ. ނާވިލު ހުށަހަޅާނެ ނަޒަރެއް ކަނޑައެޅުމަކީ އެ ލިޔުންތެރި އެއްގެ އަމިއްލަ ކަމެކެވެ. އެހެންކަމުން ވާހަކަ ކިޔައިދޭނީ ކާކުގެ ލޮލަކަށް ފެންނަ ގޮތަކަށް ކާކުގެ ކަންފަތަށް އިވޭގޮތަށްތޯ ލިޔުންތެރިޔާ ނިންމަންވާނެ އެވެ. މުހިއްމު ކަމަކީ ވާހަކައިގެ އެކި ހިސަހިސާބުން ނަޒަރު ބަދަލު ނުވެ ވާހަކަ ކުރިއަށް ގެންދިއުމެވެ.

ފުލޭޝް ބެކު


ފުލޭޝް ބެކަކީ ވާހަކައިގައި އުޅޭ މީހެއްގެ ހަނދާންތައް ގެނެސް ދިނުމެވެ. މިއީ ވާހަކަ ކިޔައިދިނުމުގައި (ނެރޭޝަންގައި) ބޭނުންކުރާ އުކުޅެކެވެ. ހަނދާންތަކުގެ ގޮތުގައި އަދި ހުވަފެނުގެ ގޮތުގައިވެސް ކުރިން ވެފައިވާ ކަންކަން ހުށަހަޅާނަމަ އެބައިތައް ވަދެގެން ދާނީ ފްލޭޝް ބެކްގެ ތެރެއަށެވެ.

ވާހަކަ ކިޔައިދިނުމަށް ބޭނުންކުރާ ގޮތްތައް


ކަލަމް ސެކްސްޕިއަރ (2012) ހާމަކުރައްވާ ގޮތުގައި ނާވިލުގެ ވާހަކަ ކިޔައިދިނުމުގައި މައިގަނޑުގޮތެއްގައި 2 އުޞޫލެއް ބޭނުންކުރެ އެވެ. އެއީ:

ހ. ފުރަތަމަ މިހާގެ ނަޒަރު


މިއީ ނާވިލުގައި އުޅޭ މީހެއްގެ ނަޒަރުން އޭނާއަށް ފެނުނު މަންޒަރާއި ކުރެވުނު އިޙްސާސްތައް ބަޔާންކުރުމަށްޓަކައި އެމީހާގެ ނަޒަރުން ހުށަހަޅާ ހުށަހެޅުމެވެ. ވާހަކަ ކިޔައިދީފައި އޮންނާނީ ވާހަކައިގައި ހިނގާ ޙާދިސާއަކީ ލިޔުންތެރިޔާ ތަޖުރިބާކުރި ކަމެއްގެ ގޮތުގައެވެ. މިފަދަ ނަޒަރަކުން ވާހަކަ ހުށަހަޅާނަމަ ލިޔެފައި ހުންނާނީ 'އަހަރެން' ކިޔައިގެންނެވެ. މިގޮތަށް ވާހަކަ ހުށަހަޅާއިރުވެސް ދެ އުޞޫލެއް ބޭނުންކޮށްފައި ހުރެ އެވެ. އެއީ:

1. ލިޔުންތެރިޔާއަށް ފެންނަ މިންވަރު ފުޅާކޮށްހުށަހެޅުން: މިއީ އެހެންމީހުންގެ އިޙްސާސްތަކާއި އެހެންމީހުންގެ ކަންކަން އެނގޭކަން ހާމަކޮށް އެމީހުންގެ ކަންކަންވެސް ހިމަނަމުން ކުރިއަށް ގެންދާ ގެންދިއުމެވެ. ލިޔުންތެރިޔާއަށް ފެންނަ ބައެއް ޚިޔާލުތަކާއި ކަމަކާގުޅިގެން ކުރެވޭ އިޙްސާސްތައްވެސް ގުޅުވަމުން މިގޮތަށް ހުށަހެޅިދާނެ އެވެ. މިގޮތަށް ލިޔާއިރު މުޖުތަމައުގެ ބައެއް މައްސަލަތަކާއި މީހުންގެ އިޙްސާސްތައް ލިޔުންތެރިޔާގެ އަމިއްލަ އިހްސާސްތަކެއްގެ ގޮތުގައި ނެރެ ހާމަކުރެވޭނެ އެވެ.

2. ލިޔުންތެރިޔާއަށް ފެންނަ މިންވަރު  ހަނި ކޮށްހުށަހެޅުން: މިއީ ލިޔުންތެރިޔާގެ ލޮލަށް ފެންނަ، އޭނާއަށް ކުރެވޭ އިޙްސާސްތައް އެކަނި ބަޔާންކޮށް ފެންނަ މިންވަރު ހަނިކޮށް ހުށަހަޅާ ހުށަހެޅުމެވެ. މިގޮތަށް ހުށަހަޅާއިރު، ބޮޑަށް ފޯކަސްކުރާނީ ހުށަހަޅާދޭ މީހެއްގެ ނަޒަރަށް އެކަންޏެވެ. އޭނާއަށް ނުފެންނަ ތަންތަނާއި އޭނާއަށް ނުކުރެވޭ އިޙްސާސް ތަކެއް ހުށަނޭޅޭނެ ކަމަށް ކަލަމް ސެކްސްޕިއަރ (2012) ބަޔާންކުރައްވަ އެވެ.

ށ. ތިންވަނަ މީހާގެ ނަޒަރު


ތިންވަނަ މީހާގެ ނަޒަރަކީ ކަންކަން ހިނގާ ނުހިނގާގޮތް ބަލަން ދުރުގައި ހުރުމަށް ފަހު ލިޔާ ނަޒަރެވެ. އާއްމުގޮތެއްގައި ނާވިލު ކިޔައިދީފައި ހުންނަނީ ތިންވަނަ މީހާގެ ނަޒަރުންނެވެ. ސަބަބަކީ ވާހަކަ ބައްޓަންކުރުމާއި ވާހަކަ ކުރިއަށް ގެންދިއުމަށް ފަސޭހަވުމާއި ގިނަ ކަރެކްޓަރުންގެ ކަންކަން ބަޔާންކުޅައުމަށް ފަސޭހަވާތީ އެވެ.

ތިންވަނަ މިހާގެ ނަޒަރުން ލިޔާއިރު ދެ އުޞޫލެއް ބޭނުން ކުރެ އެވެ. އެއީ:

1. އޮމިނިސިއެންޓް ނަޒަރު (ކަލާނގެވަންތަ ނަޒަރު)

'އޮމިނިސިއެންޓް' މިއީ ލެޓިން ބަހުން 'އޮމިނި'+'ސިއެންޓް' އެކުވެގެން އުފެދިފައިވާ ލަފުޒެކެވެ. 'އޮމިނި'ގެ މާނައަކީ ހުރިހާކަމެއް، 'ސިއެންޓް' ގެ މާނައަކީ އެނގުމެވެ. ޢަރަބިބަހުން މި ލަފުޒަށް ކިޔަނީ " كلي العلم" އެވެ. އާލަމުގައިވާ ހުރިހާކަމެއް އެނގޭނެ ފަރާތަކީ ކަލާންގެ އެވެ. އެހެންކަމުން މި ކަރުދާހުގައި ބޭނުންކޮށްފައިވާނީ 'ކަލާނގެވަންތަ ނަޒަރު'، 'އޮމިނިސިއެންޓް' މި ލަފުޒަށެވެ.

މި ނަޒަރުން ލިޔާއިރު ނާވިލު ބައްޓަން ވެފައި ހުންނާނީ ކަންކަން ވާނުވާ ބަލަން މަތީގައި ހުރެފައި އެކަމެއް ހިނގީމާ ލިޔާ އުޞޫލަށެވެ. އެހެންކަމުން، ވާހަކަ ލިޔުންތެރިޔާއަށް ހުރިހާކަމެއް އަދި ހުރިހާ މަންޒަރެއް ފެންނާނެ އެވެ. މި ގޮތަށް ވާހަކަ ލިޔާއިރު، ލިޔުންތެރިޔާއަށް ކަންކަން ހިނގާ ގޮތާއި ކަންކަން ހިނގާނެ ގޮތާއި މީހުންގެ އިޙްސާސްތަކާއި އެމީހުންގެ ހިތުގައި އުތުރި އަރާ ޖަޒުބާތުތައް އެނގޭނެ އެވެ. Gabriel García Márquez, ފަދަ މަޝްހޫރު ގިނަ ވާހަކަ ލިޔުންތެރިން މިހާރު ބޭނުންކުރާ ނަޒަރަކީ މި ނަޒަރެވެ.

 

 

2. ތިންވަނަ މީހާގެ ނަޒަރު (ހަނިކޮށް)

މިއީވެސް ތިންވަނަ މީހާގެ ނަޒަރުން ލިޔާ އުޞޫލެކެވެ. މިގޮތަށް ލިޔާއިރު، ވާހަކަ ލިޔުންތެރިޔާއަށް ހުރިހާކަމެއް ނޭނގޭނެ އެވެ. ވާހަކަ ލިޔަމުން ގެންދާނީ އެފަހަރަކު ފެނުނު މަންޒަރަކާއި އިވުނު ކަމެއް އެކަންޏެވެ. ނުވަތަ ފެނުނު މަންޒަރަކާއި ކުރެވުނު އިޙްސާސްތަކެއް އެކަންޏެވެ.

6. ޝިޢާރު (ތީމު)


ތީމު ނުވަތަ ޝިއާރަކީ ނާވިލު އެ ކަމެއްގެ މައްޗަށް ބިނާވެފައިވާ މަފްޙޫމެވެ. ނުވަތަ ކޮންސެޕްޓެވެ. މިއީ ވާހަކައިގައި ފޮރުވިފައިވާ މެސެޖެވެ. މިގޮތުން، ކޮންމެ ވާހަކައެއްވެސް ބިނާވާން ޖެހޭނީ ދިރިއުޅުމުގެ ކަންކަމާ ގުޅުން ހުރި ޝިއާރެއްގެ މައްޗަށެވެ. މަޝްހޫރު ކުރުވާހަކަ ލިޔުންތެރިޔާ އިބްރާހިމް ހުސައިން މަނިކު (2011) ހާމަކުރައްވާ ގޮތުގައި ވާހަކައިގެ ރޭވުން ގުޅައިދޭ ރޮދިފަށަކީ ވާހަކައިގެ ތީމު ނުވަތަ ޝިއާރެވެ. އެހެންކަމުން، ވާހަކަ އެއްވާނެއްގައި ހިފަހައްޓާ ވާހަކައިގެ ހާދިސާތައް ގުޅުވުމަށް ބޭނުންކުރަން ޖެހޭ ހަތިޔާރަކީ މިއީ އެވެ. ވާހަކައިގައި ބޭނުން ކުރެވިދާނެ ބައެއް ޝިއާރުތަކަކީ؛ ގެވެށި އަނިޔާ، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާކުރުންތައް، ނުކުޅެދުންތެރިކަން ފަދަ ބައެއް ޝިއާރުތަކެވެ. ވާހަކައިގައި ފޮރުވިފައިވާ މަޢުޟޫޢު ސީދާކޮށް ބުނުމުގެ ބަދަލުގައި ކިޔުންތެރިޔާގެ ވިސްނުމަށް ދޫކޮށްލެވިދާނެ އެވެ.

7. ބަސްކޮށާރު


ވާހަކައި ގައި ކޮންމެ ލަފުޒަކީ މުހިންމު ލަފުޒެކެވެ. ވީމާ ބޭކާރު ގޮތުގައި ލަފުޒާއި ޖުމްލަ ބޭނުން ކުރުމުން ވާހަކަ ހުތުރު ވާނެއެވެ. ވާހަކަ ލިޔާއިރު ގަސްތުކުރާ މާނަ ދޭހަވާ ލަފުޒުތައް ޚިޔާރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. މީގެ އިތުރަށް ބޭކާރު ހާސަރުތައް ނުލިޔެ ސިފަކޮށް ދިނުމަކީވެސް މުހިންމުކަމެކެވެ. ލިޔުމުގެ ފެންވަރު ގަދަކުރުމަށާއި ޝަޚްޞިއްޔަތުންގެ މިޒާޖާއި އެމީހުންގެ ޠަބީއަތް ހާމަކުރުމަށާއި ވާހަކައިގެ ތީމަށް ބާރު ދިނުމުގެ ގޮތުން ތަކުރާރުކޮށް ބޭނުންކުރާ ލަފުޒުތައް އެއީ އިސްރާފުކުރެވޭ ލަފުޒެއް ނޫނެވެ. މިގޮތަށް ބޭނުންކުރާ ލަފުޒުތައް ނުވަތަ 'މޯޓިފް' ވެފައިވަނީ ވާހަކައަށް ބޭނުންތެރި މުހިއްމު ބަސްކޮށާރެއް ކަމަށެވެ. މިސާލަކަށް، ދިވެހި ފިލްމު ދެވަނަ އަނބީގައި ބޭނުންކުރާ މޯޓިފްއެއް ކަމަށްވާ 'އެއްގާ ގަނޑުން ޖަހާ ދެ ދޫނި މަރާލުން' ފާހަގަކޮށްލެވެ އެވެ.

8. ނިންމުން


ވާހަކައިގެ ނިންމުން ''ހުޅުވާލާފައި'' ނުވަތަ ''ސާފުކޮށް ހައްލު ކޮށްލައިފައި'' ވެސް ބޭއްވި ދާނެ އެވެ. ހުޅުވާލެވިފައި އޮންނަ ނިންމުމެއްގައި އެންމެފަހުން ގޮތެއް ނިންމަން ނުވަތަ ނިންމުމަށް ބޭނުން ކުރި ޖުމުލައިގެ މާނަ ކިޔުންތެރިޔާ އަށް އޮންނާނީ ދޫކޮށްލައިފަ އެވެ. ސާފުކޮށް މައްސަލަ ހައްލުކޮށްފައި އޮންނަ ނިންމުން ތަކުގައި މައްސަލަ އޮންނާނީ ލިޔުންތެރިޔާ ހައްލު ކޮށްފަ އެވެ. ވާހަކައިގެ ނިންމުން ގިނައިރު ހަނދާންހުންނަ ބާރުގަދަ ނިންމުމަކަށް ހެދުމުން ވާހަކަ ފުރިހަމަ ވާނެ އެވެ. ވާހަކައިން ފޯރުކޮދޭން ބޭނުންވާ މެސެޖު މި ބައިގައި ހިމެނުމަށް ސަމާލުވުން މުހިއްމެވެ.

ލިޔުމުގެ ހުނަރު އިތުރުކުރުން


ވާހަކަ ލިޔުމުގެ ހުނަރު އިތުރު ކުރުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ ވާހަކަ ކިޔުމެވެ. ދެވަނައަށް ކުރަންޖެހޭކަމަކީވެސް ކިޔުމެވެ. ވާހަކަ ކިޔުމުން ވާހަކަ ލިޔުމަށް ބާރަކަށްވުމުގެ އިތުރަށް އެހެން ލިޔުންތެރިން ބޭނުންކޮށްފައި ހުންނަ އަދަބީ އުކުޅުތައް ދަސްވަމުން ދާނެ އެވެ. ލިޔުމުގެ ޝައުޤުވެރިކަން އުފެދުމުން، ލަސްނުކޮށް ލިޔަންފަށާށެވެ. ގިނައިން ލިޔުނުވަރަކަށް ލިޔުންތެރިކަމުގެ ތެރެއަށް ވަދެވެމުން ދާނެ އެވެ. ލިޔުނު ވާހަކަ ރައްޓެހިން ކިޔަން ދޭށެވެ. އަދި އެމީހުންގެ ފާޑުކިޔުންތައް ބަލައި ގަންނާށެވެ.

ހަނދާން ބަހައްޓަންވީ ނުކުތާއަކީ 'ވޮލީ' ކުޅުމަށް މޮޅުވެ އެހުނަރު ތަރައްޤީކުރަން ބޭނުން ނަމަ 'ވޮލީ' ކުޅުމަށެވެ. ބަދަލުގައި ބުންވަރު އިތުރުކޮށް މޮޅު ކޮށްލުމުގެ ބޭނުމުގައި ފުޓްބޯޅަ ނުކުޅުމަށެވެ. މާނައަކީ ކުރުވާހަކަ ލިޔުމުގެ ފަންނު ކުރިއަރުވަން ބޭނުން ނަމަ  ދިގުވާހަކަކިޔުމަށް އިސްކަން ދިނުމަށްވުރެ ބޮޑަށް ކުރުވާހަކައަށް އިސްކަން ދިނުމެވެ.

 

 

 

މުރުޖައުކުރެވުނު ބައެއް ތަކެތި:


 މުޙައްމަދު ޝާހިދު ޙަލީމް. (2010). ނާވިލު. ދިވެހިބަހުގެ ޑިގުރީކޯހުގެ އަތްމަތީ ކަރުދާސްތައް. މާލެ: ފެކަލްޓީ އޮފް އާޓްސް.

އިބްރާހިމް ހުސައިން މަނިކު. (2011). ކުރުވާހަކަ ލިޔުން. ދިވެހިބަހުގެ ޑިގުރީކޯހުގެ އަތްމަތީ ކަރުދާސްތައް. މާލެ: ފެކަލްޓީ އޮފް އާޓްސް.

 

މައުލޫމާތު ނެގުނު ސައިޓްތައް:



http://www.kavaasaa.com/adhab/mazmoon/kuru-vaahaka-kuru-thaaraf.html

 

 

No comments:

Post a Comment